މިއީ ކުނި ވަކިކުރުމުގެ މަސައްކަތް ފަށަން އެންމެ ރަނގަޅު ވަގުތުކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވެފައި މިވަނީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ބައިކޮށްގެން ގޭގެއިން ނެރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ތަފާތު ޝުޢޫރުތައް ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނި ވަކިކުރުމުގެ މަސައްކަތަކީ މީގެ ވިއްސަކަށް އަހަރު ކުރިން ފަށަންޖެހޭ މަސައްކަތެއްކަމަށެވެ. ނަމަވެސް އޭރު އެކަން ނުވެފައި އޮތުމުން، މިއީ އެކަން ފަށަން އެންމެ ރަނގަޅު ވަގުތުކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މިކަން އެއް ދުވަހުން ނުވެދާނެކަމަށެވެ. ނަމަވެސް ވެމްކޯއިން މިކަމަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، ބައެއް ރަށްރަށުގައިވެސް އެކަން އެގޮތަށް ކުރަމުންދާކަމަށެވެ.

މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެއިން ފެށިގެން ކުނި ވަކިކޮށްފައި ހުންނަންޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްފައެވެ.

މިއުސޫލުގެ ދަށުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކާއި ވިޔަފާރިތަކާއި އަމިއްލައަށް ސައިޓަށް އައިސް ކުނި އުކާލާ މީހުންވެސް އެވޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދު ފިޔަވައި، މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށާއި ޓޫރިސްޓް ރިސޯޓްތަކުން މަޢުދަނާއި ބިއްލޫރީގެ ބާވަތްތަކުގެ ކުނި ނެރެންޖެހޭނީ ވަކިކޮށްގެންނެވެ.

މީގެއިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް"ގެ ޚިދުމަތް ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާއި އެއް ނުވާނޭހެން އުކާލެވޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު