މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މިދިޔަ މާރިޗް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަންބަރު 3840، އަޙްމަދު ޙުސައިން އާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދުއެވެ.

މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުން ހިމެނެއެވެ. އަދި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އޭގެއިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ހިމެނޭ އަޙްމަދު ޙުސައިނަކީ ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. މި މައްސަލަ ފެންމަތިވުމުން ކައުންސިލް މެންބަރު ކަމުން އޭނާވަނީ ވަކިކޮށްފައެވެ.

މިފަދަ އެހެން މައްސަލަތަކާއި ގުޅިގެން ވެސް، ފުލުހުންގެ ތަހުގީގު ކުރިޔަށް ގެންގޮސްފައިވާ ގޮތުން، ގިނަ ކުށްވެރިންތަކެއް ވަނީ ދޫވެގެން ގޮސްފައެވެ. އަދި އެފަދަ ފަރާތްތަކަށް ދައުވާކުރުމަށް އޮންނަ މަގުވެސް ވަނީ ބަންދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން