ޕާޓީއަށް 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް މިހާރު ވާނީ ހުށައަޅާފައި ކަމަށާއި އެފޯމުތައް އަވަހަށް ޕްރެސެސް ކޮށްދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އެ މަނިކުފާނު އެންމެ ފަހުން އުފެއްދެވި އެމްއާރްއެމާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) ގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.

މެމްބަރުން ހަމަކުރަން އެޕާޓީތަކަށް ދިން މުއްދަތު މިމަހުގެ 14 އަށް ހަމަވާއިރު އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1،297 ފޯމު އަދިވެސް ޕްރޮސެސް ނުކުރެވޭ ކަމަށެވެ. އެގޮތުން މިހާރު އީސީއަށް ހުށަހަޅާފައިވާ ފޯމުތަކާއެކު އެމްއާރްއެމަށް 3،000 މެމްބަރުން ހަމަވެފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އެމްއާރްއެމުން ބުނީ އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތަކަކީ އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސް ވެފައިވާ ފޯމުތަކެއް ކަމަށެވެ. އަަދި ފޯމުތައް ވީހާވެސް އަވަހަކަށް ޕްރޮސެސްކޮށްދިނުމަށް މީގެކުރިން ވެސް އީސީގައި އެދިފައިވާނެ ކަމަށް އެޕާޓީން ބުންޏެވެ. އެ ޕާޓީން ވަނީ މި މަހުގެ 7 ގެ ކުރިން އެ ޕާޓީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށްދިނުމަށް އީސީ އަށް ގޮވާލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު