ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ރައްޔިތުންނަށް މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ސާލިޙު މިކަމަށް އިލްތިމާސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހަފުލާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމާއި، ކަރަންޓު ޚަރަދު ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަން މުހިންމުކަމަށެވެ. ރައީސް ވަނީ އެކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ހުރިހާ ދިވެހިންގެ ކިބައިން އިގްތިސާދު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.



މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މިރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށި ޙިމާޔަތްކުރުމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ.

މިގޮތުން، އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއް ކަމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު