ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ގާނޫނާ ޚިލާފް އަމަލްތައް ކުރާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި, އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ޝީ ބިލްޑިންގްގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުވައްސަސާއަކުން އަށާވީސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ޑީ.ޖޭ.ޖޭއިން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ތިންވަނަ ޓްރެނިން ޕްރޮގްރާމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް ކޯޓާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންނެވެ. މި ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ މައިގަނޑު ނުވަ ބަޔަކަށް ވަނީ އަލިއަޅުވާލާފައެވެ.

މި ތަމްރީނު މެދުވެރިކޮށް ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިއްސާވާ މުއައްސާސާތަކުގެ ދައުރާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު މަޝްވަރާ ކޮށްފައިވެއެވެ.

ހަމައެއާއެކު ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން އެދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން އަހުލުވެރިކޮށްފައިވެއެވެ.

މި ތަމްރީނުތަކުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ ޖުވެނައިލް ކޯޓު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޚާއްސަ ބޭފުޅުންނެވެ. މި ބޭފުޅުންނަކީ ޔޫ.އެން.އޯ.ޑީ.ސީއިން ޓްރެނިން އޮފް ޓްރެއިނަރސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ އެކަމަށްޓަކައި ޝީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަލީ ނަޛީރާއި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އަންނަނީ ގާނޫނާ ޚިލާފް އަމަލްތައް ކުރާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން