ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ވޭތެވެދިޔަ 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް އެކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައިނުވުމުގެ ސަބަބުން ކުންފުނީގެ އޮޑިޓިންގެ މަސައްކަތް އައުޓްސޯސް ކުރުމަށް ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ޕީއެސްއެމްގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ވާނޭ ގޮތަކީ ކުންފުނިން ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުންފުނިން އެކުލަވައިލި އޮޑިޓް ޑިޕާޓްމަންޓާއެކު ކުރިއަށް ދިޔުންތޯ ބެލުމަށްފަހުއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ކޮންމެ އަހަރަކުވެސް މަޖިލީހަށް ކުންފުނީގެ އޮޑިޓް ރިޕޯޓެއް ހުށަހަޅަންޖެހޭއިރު، މިދިޔަ އަހަރުވެސް އެކަންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އޮޑިޓްކުރުމުގެ މަސައްކަތް ކުންފުނިން ބޭރުގެ ބަޔަކާއި ހަވާލުކުރުމަށް ނިންމާފައިވަނީ، ކުންފުނި އޮޑިޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 14 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރުކުރުމެވެ. މިގޮތުން މި ލިޔުންތައް އިތުރަށް ތަހުޤީޤު ކުރުމަށް މިހާރު ވަނީ އޭ.ސީ.ސީއަށް ފޮނުވާފައެވެ.

އޮޑިޓް ޑިޕާޓްމެންޓެއްގެ މައިގަނޑު މަސައްކަތަކީ އޮޑިޓް ރިޕޯޓް އެކުލަވާލުން ކަމަށްވާއިރު ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމެންޓުން އޮޑިޓް ރިޕޯޓެއް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކުލަވާލާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު