އިބްރާހިމް ފަހީމް   3 ޖޫން 2022 - 23:8
ހއ. ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

އެ ގޮނޑިއަށް އެހެން ކެންޑިޑޭޓަކު ވާދަކޮށްފައި ނުވާތީ، ޕީޕީއެމްގެ ކެންޑިޑޭޓު ހއ.ވަށަފަރު ނިއުފޯސް، ޒުހާ އިބްރާހިމް އެ ގޮނޑިއަށް ހޮވުނީ އިންތިހާބަކާއި ނުލައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މި އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓު އެކަނި ކަމަށެވެ.

އިންތިހާބަކާ ނުލައި ޕީޕީއެމްގެ ކެންޑިޑޭޓު އެ ގޮނޑި ކާމިޔާބުކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެހެން ޕާޓީތަކުން މި އިންތިހާބުގައި ވާދަނުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަގްސަދަކީ އިންތިހާބުތަކުގައި ވާދަކުރުން ކަމަށާއި ނަމަވެސް، މި ގޮނޑިއަށް އެހެން ޕާޓީއަކުން ވާދަކޮށްފައި ނުވާތީ، އެހެން ޕާޓީތައް ކޮބައިތޯ ހަބީބް ވަނީ ސުވާލު ކުރައްވާފައެވެ.

ކުރިން މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް، އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައިވުމުން ދެން މި ގޮނޑިއަށް ވޯޓުލުމެއް ނުބާއްވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަކަށްއައިސް ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުތައް ކާމިޔާބު ކުރަމުން އަންނަނީ ޕީޕީއެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު