ދައުލަތުގެ މީޑިއާ ޕީއެސްއެމް ބިލިއަނުން ދަރަނިވެރިވެ، ނުފުޑެނީސް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާ އިންޓާނަލް އޮޑިޓެއް ހަދަން އައުޓްސޯ ކުރަން ނިއްމުމާއި ގުޅިގެންނެވެެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓަށް ތުހުމަތު ތަކެއްކޮށް އެ ޑިޕާޓްމަންޓް އުވާލިއިރު 100 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ 14 މައްސަލައަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު ފަޒީލް ވަނީ ތުހުމަތު ކުރަށްވާފައެެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މީގެ ހަފްތާއެއް ކުރިންވެސް ވަނީ ދައުލަތުގެ މީޑިއާގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޕީއެސްއެމް ހިންގަން ހަވާލުވެ ހުންނެވި އަލީ ހާލިދަށް ކުންފުނި ހިންގުމުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭތީ އޭނާ ބަދަލު ކުރުމަށް ނިހާދު ވަނީ ގޮވާލައްވާފައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ނިހާދު މިރޭ ވިދާޅުވީ މީގެ ކުރިންވެސް ޕީއެމްއެމްގެ ވެރިއަކަށް ހުރި ބޭފުޅާއަށް އެކަން ނުވާ ވާހަކަ ވިދާޅުވީ ކަމުގެ ހަގީގަތް އޭނާ އަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.



މިހާލަތުގައިވެސް ޕީއެސްއެމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަނގަޅު ވެރިއަކު ތަނަށް އައްޔަން ކުރުންކަމަށް ނިހާދު ވިދާޅުވިއެެެވެ. މިހާރުގެ ހާލަތު އޮތް ގޮތުން ޕީއެސްއެމް ބިލިއަނުން ދަރަނިވެރި ނުވަނީސް އަވަސް ހައްލެއް އެކުންފުންޏަށް ގެންނަންޖެހޭކަމަށް ނިހާދު ވިދާޅުވިއެވެ.

"އެހެން ބުނީ ވާނުވާ އެނގޭތީ. އަވަސް ހައްލު ބޭނުން، ބިލިއަނުން ކޮމްޕެނީ ދަރަނިވެރިވެ ނުފުޑެނީސް." ނިހާދު ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާ އޮޑިޓްގެ ކަންކަން އައުޓް ސޯސް ކުރުމަކީ ހިޔާނާތް ނުބަލާ އަަދި ހިޔާނާތް ފަޅާ އަރުވާލި ރިޕޯޓްތައް ފޮރުވަން ކުރި ކަމެއްގެ ގޮތުގައި އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު ފަޒީލް ވަނީ ތުހުމަތު ކުރަށްވާފައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ކޮންމެ އަހަރަކުވެސް މަޖިލީހަށް ކުންފުނީގެ އޮޑިޓް ރިޕޯޓެއް ހުށަހަޅަންޖެހޭއިރު، މިދިޔަ އަހަރުވެސް އެކަންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އޮޑިޓްކުރުމުގެ މަސައްކަތް ކުންފުނިން ބޭރުގެ ބަޔަކާއި ހަވާލުކުރުމަށް ނިންމާފައިވަނީ، ކުންފުނި އޮޑިޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ވާނޭ ގޮތަކީ ކުންފުންޏަށް ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުންފުނިން އެކުލަވައިލި އޮޑިޓް ޑިޕާޓްމަންޓާއެކު ކުރިއަށް ދިޔުންތޯ ބެލުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު