ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ހަދާފައިވާ ގޯސްތަކަކާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ނިންމެވުމުން އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށައެޅުމަށް ނިންމައިފި އެވެ.

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިއްމާފައެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ މާރިޗް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަންބަރު 3840، އަޙްމަދު ޙުސައިނާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވީ މިމައްސަލާގައި ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރު ޖެނެރަލް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަަށެވެ. އަދި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް އިތުރަށް ބެލުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.



އެމައްސަލައިގައި ދައުވާ ނުކުރަން ނިއްމި ސަބަބުތައް ހާމަކުރަމުން ޕީޖީ އޮފީހުން ބުނީ އެމައްސަލައިގައި 42 ކިލޯގެ ޑްރަގު ފެނުނު ލަވްނެސްޓްގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި، އަދި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކޮށްފައިވަނީ އެހެން މީހަކު އަތުން ހުއްދަ ހޯދައިގެން ކަމަށެވެ.

މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ  ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އޭގެއިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު