އިބްރާހިމް ފަހީމް   4 ޖޫން 2022 - 21:38
މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުން އެކި ކަންކަމަށް ނެގި ލޯނުތަކާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފައިވެއެވެ.

ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރާފައިވާއިރު ސޮވެރިން ގެރެންޓީއާއި ނުލައި ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ.

ފާއިތުވި ތިން މަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އައި ކުރިއެރުމާއި ގުޅިގެން ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 ޕަސެންޓަށް ކުޑަވެފައެވެ. މި އަދަދު މިދިޔަ އަހަރު ނިމުނު އިރު ހުރީ 104 ޕަސެންޓުގައެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި މިއަހަރު ދައުލަތުގެ ދަރަނި ޖުމްލަ 103 ބިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް އެމްއެމްއޭ އިން މީގެ ކުރިންވެސް އޮތީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު