މި ފަހުން އައްޑޫ ސިޓީގައި ހިންގި ނުރައްކާތެރި މާރާމާރީތަކާއި ގުޅިގެން ނިޔާވެފައިވާ ޒުވާނާގެ މަރާއި ގުޅިގެން މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅަފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އެ ހާދިސާއާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އައްޑޫ ސިޓީ ކައުންސިލުން ބުނީ، މި މައްސަލައަކީ މުޖްތަމައުގެ އަމަންއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދޭން ޖެހޭކަމަށެވެ.

އަދި މީހުންގެ ފުރާނައަށް ގެއްލުންވާ އަނިޔާވެރި މި އަމަލަކީ ވަރަށް ލާއިންސާނީ، ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށާއި އެ އަމަލަކީ އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ މުއާހަދާތަކުން މަނާކުރާ އަމަލެއް ކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން، ހައްގުތައް ކަށަވަރު ކޮށްދެވިފައިވާ މުޖްތަމައެއްގައި މިފަދަ އަމަލުތައް ހިނގުމަކީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ކައުންސިލުން ބުނެފައިވެއެވެ.

މިހާލަތުގައި ރަށުތެރޭގައި އަމާންކަން ގާއިމްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ނިޔާވި 21 އަހަރުގެ ޒުވާނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު