ރާއްޖޭގެ ދަރަނި ބޮޑުވީ އަސާސީ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދޭން އުޅުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް މިރޭ ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުން މިހާރު ލިބޭ އާމްދަނީން ރާއްޖޭގެ އިގްތިސާދު ބާރަށް ދުވާނެ ކަމަށެވެ. ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ބޮޑު ކަމަށާއި ދަރަނި ބޮޑުވީ އަވަހަށް އަސާސީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރުމުން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ރައީސް ސޯލިހް ބޭނުންފުޅުވަނީ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމް 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމް ކުރުމަށް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، އިގްތިސާދީ ލޮޅުމާއެކު ވެސް ދުނިޔޭގެ އެކި ޖަމިއްޔާތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށެވެ. ގޮންޖެހުންތަކާއެކުއެކު ވެސް ރައީސް ސާލިޙާ އެމަނިކުފާނުގެ ޓީމާއެކު ރާއްޖެއާއި ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނެ ކަމަށް ރައްޔިތުން އުއްމީދުކުރާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި ތެލާއި ބޭރު ފައިސާ ބޭނުންވާނެތީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ.

"ތެލުގެ އަގު މިހާވަރަަށް އަރައިގެން ދިޔައިރު ވެސް އަދި ރާއްޖެއަށް އެއްވެސް ކަހަލަ ބޮޑު ބަދަލެއް ނާދެ އެއް ނޫންތޯ؟ އެހުރިހާ ޝޮކެއް ސަރުކާރުން މި ނަގަނީ އެ އެއްޗެހިތައް ވެސް މަޑުމަޑުން ކޮންމެވެސް ހިސާބުން ދޫކޮށްލަން ޖެހޭނެ ކަން ނޭގެ. މި ގޮންޖެހުންތަކުގެ ތެރެއިން ނިކުމެ ދިވެހިންނަށް އުފާވެރިކަން ހޯދައިދެވޭނެ ވިސްނުން އެޕްލޭން ސަރުކާރުގައި އެބައޮތް. އިރާދަކުރެއްވިއްޔާ މި ގޮންޖެހުންތަކުން ވެސް އަޅުގަނޑުމެން އަރައިގަންނާނަން." ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ ޚަރަދުތައް ކުޑަކޮށް އިގްތިސާދު ކުރުން ފަދަ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެހެން ނަަމަވެސް ރައްޔިތުންނަށް ބިރު ދައްކައި ހިތްމަރުވާ ގޮތަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަަމަށެވެ.

އެގޮތުން ބޭރުގެ ރަސްމީ އިދާރާ އެއްގެ ނަމުގައި އެ އިދާރާގެ އާދައިގެ މުވައްޒަފަކު ދައްކާ ވާހަކައެއް ބޮޑު ސުރުޚީއަށް ލައިގެން ދެއްކުމަކީ ސިޔާސީ ވާހަކަ އެއް ކަމަށާއި އެއީ އިގްތިސާދީ އޮއްޓަރު ހުރި ވާހަކަ އެއް ނޫން ކަމަށްވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުން އެކި ކަންކަމަށް ނެގި ލޯނުތަކާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރާފައިވާއިރު ސޮވެރިން ގެރެންޓީއާއި ނުލައި ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ.

މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ. މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި މިއަހަރު ދައުލަތުގެ ދަރަނި ޖުމްލަ 103 ބިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

އޭދަފުށި މުހައްމަދު

06-Jun-2022

ބޮޑު ރޯނު އެދުރެއް. ސަރުކާރުން ކޮންމެކަމެއް ކުރިޔަސް މީނާ ހުންނާނީ ވަޒީފާގަނޑުގެ ބޭނުމުގައި އާނ ހޫން ކިޔާލަކިޔާލާ