ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް އެކަން ކުއްވެރިކުރަމުންނެވެ. އަދި އިންޑިއާގައި ވެސް ދަނީ އެކަމާއި ގުޅިގެން އެތައް ބަޔަކު އަޑު އުފުލަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޝަހީމް ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ‏ދުނިޔޭގެ މުސްލިމުންގެ އިޙުތިރާމް ހޯއްދެވި އިންޑިއާގެ ޤައުމީ ލީޑަރު މަހާތަމާ ގާންދީ، މުޙައްމަދު ނަބީކަލޭގެފާނާމެދު ވިދާޅުވެފައިވާ ހެޔޮ ބަސްފުޅުތަކުން އިންޑިއާގެ އަދުގެ ޖީލުގެ ދަރީން ނަމޫނާ ލިބިގަންނަންޖެހޭކަމަށެވެ. އަދި ގާންދީއަކީ ތަފާތު ސަޤާފަތްތައް އެއްބައިވަންތަ ކުރެއްވި ޒަޢީމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.



އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ވަނީ ސަލާމާއި ޞަލަވާތްލެއްވި ރަސޫލާއާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކޮށްފައެވެ.

އެކަމާއި ގުޅިގެން މުޒާހަރާކުރަން ނިކުތް މުސްލިމުންނާއި ދެކޮޅަށް އިންޑިއާ ފުލުހުން ވަނީ އަނިޔާވެރި އަމަލުތަކެއް ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު