މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް
މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް
ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަށް އޮތް ހައްލަކީ "އާދޭސް" ކޮށްގެން ވެސް ޗައިނާ މާކެޓް ހުޅުވާލުން ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މިނިސްޓަރުކަމުން ވަކިކުރި ހިސާބުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވުމަށްފަހު އޭނާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން، ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަލިއަޅުވާލައްވައި މަލީހް މިއަދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ހީނަރުވެ ބައެއް ރިސޯޓްތައް މިހާރުވަނީ ބަންދުކޮށްފައި ކަމަށާއި އަނެއްބައި ތަންތަން ބަގުރޫޓްވެފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ގެސްޓްހައުސްތައް މިމަހު ހުރީ ހުހަށް ކަމަށާއި އެހެން އެކަން އޮއްވާ، ރާއްޖެ އިޝްތިހާރު ނުކުރެވޭނެ ކަމަށާއި އަދި ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް މަލީހު ވިދާޅުވެފައި ވެއެވެ.

އެހެން އެކަން އޮތުމުން، ދެން މިކަމުގައި އޮތް ގޮތަކީ އާދޭސް ކޮށްގެން ވެސް ޗައިނާ މާރކެޓް ހުޅުވުން ކަމަށް މަލީޙްވަނީ ވިދާޅުވެފައެވެ.



އޭނާ މިފަދައިން ވިދާޅުވެފައިމިވަނީ، ރާއްޖޭގެ ދަރަނި 100 ބިލިއަނާއި ގާތް ކޮށްފައިވާތީ ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ފިނޭންސް މިނިސްޓްރީން މީގެ ދެ ދުވަސްކުރިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފައިވެއެވެ. ރާއްޖޭގެ ދަރަނީގެ އަދަދު މިހާރު ހުރީ 99 ބިލިއަން ރުފިޔާގައެވެ.

ނަމަވެސް ސަރުކަރުން ބުނެފައި ވަނީ ރާއްޖެ ދަރަނި ނުދެއްކޭ ހާލަތަށް އަދި ނުދާ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރުވެސް އެއްވެސް ދަތި ކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިގުތިސާދު ހުރީ ރަނގަޅު ދުވެލީގައި ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ސަރުކަރުން މިގޮތަށް ބުނަމުން ދިޔަ ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެ މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވުމާއި ގުޅިގެން އެކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން ޚަރަދު ކުޑަކޮށް އިގުތިޞާދު ކުރުމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު