ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގަލޮޅު ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އާއިލީ ގޭގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވާއިރު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނާ ދެކޮޅަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގައި ވަނީ "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފަށާފައެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުން ކަނޑައެޅުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރަކުން ވަނީ އެހަރަކާތް ހުއްޓުވުމަށް ފުލުހުންނަށް އަންގަވާފައެވެ. އަދި އޭގެ ފަހުން ފުލުހުން ގެންދަނީ އެހަރަކާތް ހުއްޓުވައި ގިނަ ބަޔަކު ހައްޔަރު ވެސް ކުރަމުންނެވެ. އެގޮތުން އިންޑިއާ އައުޓް ޖަހާފައިވާ ދިދައާއި ބެނާ ފަދަ ތަކެތި އާންމުކޮށް ގެންގުޅޭނަމަ ފުހުން ދަނީ އެތަކެތި އަތުލައި އަދި ފިޔަވަޅު ވެސް އަޅަމުންނެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ދަމާފައި ހުރި ބޮޑު ބެނާއެއް ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ނެގި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ނިންމި ނިންމުމާއެކު އެކަމުގައި ބޮޑެތި ގާނޫނީ ސުވާލު ތަކެއް ވަނީ އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު