ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫނާރާނެހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓް ފައިނޭންސްކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތަށްފަހު ‏ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމަށެވެ. އެގޮތުން މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ‏ދުނިޔޭގެ އިޤްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ. މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށާއި ސަރުކާރުން ދަނީ ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ‏ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވަނީ ވާންވެފައި ކަމަށެވެ.





"ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން." އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ހާމަކުރައްވަމުން އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ‏ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ޚާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާ ކަމަށެވެ. އަދި ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މަައްޗަށް ދިޔުމާއި ގުޅިގެން ރާއްޖެ އަށް އިމްޕޯޓް ކުރާ މުދަލަށާއި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ސަރުކާރުން މިހާރު ވަނީ ހަރަދުތައް ކުޑަކޮށް އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު ތަކެއް އެޅުމަށް ނިއްމާފައެެވެ.



ކިޔުންތެރިންގެ ހިޔާލު