މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް އާންމުކޮށް ހުޅުވާލި 100 ފުރުޞަތަށް އެދުނު މީހުންގެ ތެރެއިން ގުރުއަތުން ފުރުސަތު ލިބުނު މީހުންގެ ލިސްޓް އާއްމުކޮށްފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް މިދިޔަ ހޯމަދުވަހު ވަނީ ގުރުއަތު ބާއްވާފައެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ‏އާންމުންނަށް ހުޅުވާލި 100 ކޯޓާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައެވެ.



އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ނަގާ އަގަކީ 76960 ރުފިޔާއެވެ. މިއީ ކުރިން ނަގަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ 26 ވަނަ ދުވަހުގައި ފުރާނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ



ކިޔުންތެރިންގެ ހިޔާލު