ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއް ސަބަބަކީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ނުކުރާކަމަށް ދޭހަވާ މޭރުމަކުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވާހަކަދެއްކެވުމާއި ގުޅިގެނެވެ.

ޝަހީމް ވިދާޅުވީ ކުރީގެ ސަރުކާރު ނިމުނުއިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔާރީތަކާއި ގަވާއިދުތައް ހަދާ ނިންމާފައިވާކަމަށެވެ. އަދި އޭގެ އެންމެހާ އުސޫލެއް ކެބިނެޓުން ފާސްވެސް ކުރިކަމަށާއި، ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއް ސަބަބަކީ އެެއީކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާބެހޭ އުސޫލުތައް ކެބިނެޓުން ނިންމިއިރު، އެކަމާއިބެހޭ ގޮތުން އިސްލާމީ އިލްމުވެރިން ގެންދަވައިގެން މައުލޫމާތުވެސް ހޯދެއްވިކަމަށެވެ.

"ކުރީގެ ހޯމް މިނިސްޓަރ އުމަރު މިއަށް ޖަވާބެއް ދެއްވުން މުހިއްމު ކަމުގައި ދެކެން. މި ތާރީޚީ ހަގީގަތް ފާހަގަކުރުމަކި ބޭނުންތެރިކަމެއް ކަމުގައި ފެނޭ." ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ކުރެއްވި ސުވާލަށް ޖާވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޒަމާނުއްސުރެ އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި މަރުގެ ޙުކުމާއި ގުޅުވައިގެން އެކި ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޔާސަތަށް ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު އެއްވެސް ބަދަލެއް އެއްވެސް ސަރުކާރެއްގައި ގެނެސްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް." އިމްރާން މިއަދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން އިއްވާ މަރުގެ ޙުކުމް ތަންފީޒު ނުކޮށް ދަމަހައްޓަން ޒަމާނުއްސުރެ އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ ދަށުން ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ އެއްގޮތަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ދިވެހިން އިސްލާމް ދީނަށް ބޯލަނބައިގެން ތިބޭތާ 900 އަހަރުވެފައިވާކަމަށާއި، އެހެންކަމުން އިސްލާމް ދީނުގެ ޙުކުމްތައް އިސްތިސްނާއެއް ނެތި ޤަބޫލު ކުރަންޖެހޭކަމަށެވެ.

މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ރާއްޖޭގައި އެބަތިއްބެވެެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލް މުހައްމަދު ނަބީލެވެ.

އެ ތިން މީހުންގެ މަރުގެ ޙުކުމް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓި ނަމަވެސް، މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފިނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން އަމުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު