ވިނަރެސް ފްލެޓް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން ގުޅާތީ ސަމާލުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީގެ ބުނީ ވިނަރެސް ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުވަން ކުރާ ކޯލްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ފްލެޓް ލިބޭނެ ކަމަށް ބުނެ މޯބައިލް ނަމްބަރަކުން އެ ކުންފުނިން ނުގުޅާނެ ކަމަށާއި، މިވަގުތު ކުރިއަށް ދަނީވެސް ވިނަރެސް ފްލެޓްތައް ބަލައިލުމަށް ބޭނުންވާ މީހުންނަށް އެތަން ދައްކާލުމުގެ މަސައްކަތްކަމަށެވެ.

އެޗްޑީސީން ވަނީ ފްލެޓް ލިބުނުކަމަށް ބުނާ ފޯނު ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް އިލްތިމާސްކުރާ ކޮށްފައެވެ.

ރާއްޖޭގައި އޮޅުވާލައިގެން މިފަދަ ޖަރީމާތައް ހިންގުން އިތުރުވިނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށް،.އަދަބެއް ނުދެއެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުން ގިނަ ފަހަރު މިފަދަ ކޯލްތައް ކޮށްގެން މީހުންނަށް އޮޅުވާލުމުގެ މަސައްކަތް ކުރަނީ ޖަލުގައި ތިބޭ ގައިދީންނެވެ. އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކުންވެސް އެ ވާހަކަތައް މާބޮޑަކަށް ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު