ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް

ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީއަކީ މި ސްޓޭޝަންތަކެވެ. އަދި މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނިޖާމާކުރެވުމުން މި ކުނި ވަކިކޮށް ރީސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް

ހާއްޞަކުރެވިފައިވާ ފެސިލިޓީއަކަށް ބަދަލުކުރެވޭނެއެވެ.

މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއްގެ ސަބަބުން ހދ. ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެދުމުގެ މަސައްކަތް ތަކުގެ ތެރޭގައި، ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅެއް ހެދުމާއި، ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި، ޕެރިމީޓަރ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 7.67 މިލިއަން ރުފިޔާ އަށް 140 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު