ބަންގްލަދޭޝްގެ ސިޓަކުންޑާގެ ކޮންޓެއިނަރ ގުދަން ކުރާ ސަރަޙައްދެއްގައި އަލިފާން ރޯވެ، އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު، އެ ގައުމުގެ ހާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބަންގްލަދޭޝްގެ ސިޓަކުންޑާގެ ކޮންޓެއިނަރ ގުދަން ކުރާ ސަރަޙައްދެއްގައި މީގެ ތިން ދުވަސް ކުރިން ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ.އޭކޭ އަބްދުލް މޮމިނަށް، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ 40 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވި މިހާދިސާގެ ހަބަރު އަޑުއެއްސެވީ ކުއްލި ސިހުމަކާއި، ހިތާމައާއެކުކަމަށެވެ.

ޝާހިދުގެ މެސެޖުގައި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާއި ޒަހަމްވި ފަރާތްތަކަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ތައުޒިޔާ ވިދާޅުވިއެވެ.

ސިޓަކުންޑާއަކީ ބަންގްލަދޭޝްގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ޗިޓެގޮންގ އާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެ ރަށުގެ ކޮންޓެއިނަރ ގުދަން ކުރާ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މީހުންގެ އަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ޤައުމުގެ ސިފައިން ވެސް މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި އިތުރު 200 މީހަކަށް އަނިޔާވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ނުވަ މީހެއް ހިމެނެއެވެ.

ކޮންޓެއިނަރ ގުދަން ކުރާ ސަރަހައްދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ އިރު، އެ ކަން ތަހުޤީޤު ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު