އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަކޮށްގެން ހުށަހެޅި މައްސަލައެއް ނޫންކަމަށާއި އެއީ ރައްޔިތުން ރުޅިއަރުވަން ހުށަހެޅި މައްސަލައެއްކަމަށް ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫންކަމަށެވެ. އެހެނަސް އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއްކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި މިއަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރެއްކަމަށާއި، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު މެމްބަރުންނަށް އިއްޔެ އޮތީ ދެއްވާފައިކަމަށެވެ.

އަދި އިދިކޮޅުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކޮށްގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ސަރުކާރުންނާއި އެމް.ޑީ.ޕީ.އިން ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާކުރި މައްސަލަ ކުށްވެރިކޮށް މިއަދުގެ ވަގުތެއްގައި ބަޔާން ނެރެފައިވާކަންވެސް މި ޕާލަމެންޓްރީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމަކީ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެއްކަމަށެވެ. އަދި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ދިފާޢުގައި އަދުގެ ސަރުކާރެކޭ އެއްފަދައިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު