ބީޖޭޕީ ތަރުޖަމާނުގެ ބަސްތަކާއެކު އިންޑިއާ އާއި އިސްލާމީ ގައުމުތަކާއި ދެމެދުގެ ގުޅުން ހީނަރުވެދާނެކަމުގެ ބިރުއުފެދޭކަމަށް ކަމާބެހޭ މާހިރުން ލަފާކޮށްފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރް ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ލައިވް ޓީވީ މެދުވެރިކޮށެވެ. ނޫޕޫރް ޝަރުމާގެ އިތުރުން ބީޖޭޕީގެ މީޑިއާ އޮފިޝަލު ނަވީން ކުމާރް ޖިންދަލްވެސް ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މީސްމީޑިއާ މެދުވެރިކޮށް ވާހަކަ ދައްކާފައެވެ.

މިކަމާއި ގުޅިގެން ޤަތަރު، ކުވައިތު، އީރާން، ސައޫދީ އަރަބިއްޔާ، އޮމާން، އަފްގާނިސްތާނު އަދި ޕާކިސްތާނުފަދަ އެތަކެއް އިސްލާމީ ގައުމުތަކަކުން ވަނީ މިކަން ކުއްވެރިކޮށްފައެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވެސް ދީނަށް ފުރައްސާރަކޮށް، ބައިބައިވެ ނަފުރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ބަލައިނުގަނެވޭނެކަމެއް ކަމަށް ގިނަ ގައުމުތަކަކުން ވަނީ ފާހަގަކޮށްފައެވެ.

ހާއްސަގޮތެއްގައި އިސްލާމޮފޯބިއާ ނުވަތަ މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލު ހިންގުން އިތުރުވެފައިވާ އިންޑިއާގެ ސިޔާސީ އިސް މީހަކު މިފަދަ ދަށުދަރަޖައިގެ ވާހަކަތަކެއް ދެއްކުން މިއީ ގަބޫލު ނުކުރެވޭނެ ކަމެއްކަމަށްވެސް ޤަތަރާއި އޮމާންފަދަ ގިނަ އަރަބި ގައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

މިހާދިސާ އާއި ގުޅިގެން އިސްލާމީ ގިނަ ގައުމުތަކަކުން އިންޑިއާއަށް ފާޑު ކިޔަމުންދާ މިދަނޑިވަޅުގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަ ތަކަކީ އިންޑިއާ ސަރުކާރުގެ ވިސްނުމާއި ގުޅުން ހުރި ބަސްތަކެއް ނޫންކަން ހާމަކޮށްފައެވެ. މީގެ އިތުރުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ނޫޕޫރް ޝަރުމާ އަދި ނަވީން ކުމާރް ވެސް ބީޖޭޕީން ވަނީ ސަސްޕެންޑުކޮށްފައެވެ.

ނަމަވެސް ބީޖޭޕީ މެމްބަރުންގެ މިދަށުދަރަޖައިގެ އަމަލަށް މައާފަށް ނޭދުމާއި މިމައްސަލަ އަވަހަށް ފޮރުވަން އުޅޭކަމަށް ބުނެ ގިނަބަޔަކު ދަނީ އިންޑިއާ ސަރުކާރަށް އެތައް ތުހުމަތެއް ކުރަމުންނެވެ. އަދި މިހާދިސާއާއި ގުޅިގެން އިންޑިއާ އާއި ދާޚިލީ ގުޅުން އޮންނަ ގިނަ އިސްލާމީ ގައުމުތަކާއި ދެމެދުގެ ގުޅުން ހީނަރުވެދާނެކަމުގެ ބިރު އޮތްކަމަށް ކަމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން