ދައުލަތުގެ ނަމުގައި ދަރަންޏަށް އެއްވެސް ފައިސާއެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ބުނާ އިސްލާހެއް މާލިއްޔަތު ގާނޫނަށް ހުށައަޅައިފިއެވެ.

އެ އިސްލާހު މަޖިލީހަށް ހުށައެޅުއްވީ އިދިކޮޅު ޕީޕިއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އެވެެ. ޓޮމް މާލިއްޔަތު ގާނޫނަށް މިއަދު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ނަގަންވާނީ ނުވަތަ ގެރެންޓީ އެއް ދޭންވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމުހޫރިއްޔާއަށް ހުށައަޅައި އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ހުއްދަ ކުރާ ނަމަ ރައީސުލްޖުމުހޫރިއްޔާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެ ހުށައެޅުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 2010 ވަނަ އަހަރު ވެސް މާލިއްޔަތު ގާނޫނު އޮތީ އެގޮތަށް ކަމަށާއި، އެކަމަށް ބަދަލު ގެނައީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ކަމަށެވެ.

"މިހާރު ހުށައަޅާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ 2010 ވަނަ އަހަރު އެގާނޫނުގެ 1 ވަނަ އިސްލާހުގައިވާ ގޮތަށް ދައުލަތުގެ ނަމުގައި ދަރަންޏަށް އެއްވެސް ފައިސާ ނަގަންވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ބުނާ އިސްލާހު، އަޅުގަނޑު މި ދެންނެވި ވާހަކަ އަކީ މި މަޖިލީހުގެ އޮތް ބާރެއް ޕީޕިއެމުން މަޖިލީހުން ނަގައި ވަޒީރުންގެ މަޖިލީހަށް ގެންދެވި ވާހަކަ. އަދި އޭގެފަހުން އަނެއްކާވެސް ޕީޕިއެމުން ހަމަ އެބާރު މަޖިލީހަށް ގެނައުމަށް ހުށައަޅުއްވާފައިވާ ވާހަކަ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު