ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅައެޅުމުން މައްސަލަ ބަލައިގެންފިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަރާތުން އެމައްސަލަ މަޖިލީހަށް ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތީ 40 މެމްބަރުން ވޯޓުންނެެވެ.

ޝަފީގް ހުށައެޅުއްވި މައްސަލައިގައި ބުނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައާއި އަދި ޕާޓީން މެމްބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއްނެތި އަމަލުކުރަމުންދާތީ އާއި ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިފައިވާ "ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު"ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަމުން ދާކަމަށެވެ.

އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި އަދި އެ ފަރާތްތަކުގެ އިހްތިޔާރު ނަގައިލާ، އެ ފަރާތްތަކުގެ ނަމުގައި ނުހައްޤު މާލީ މަންފާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދާކަމަށް ވެސް ބުނެފައި ފައިވެއެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަ މަޖިލީހަށް ބުށައެޅުއްވީ މިކަމުގައި ރައްޔިތުންގެ ޝަކުވާ އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށް ވެލިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި ބުނެފައިވެއެެވެ.

ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލަ މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުން ނެވެ. ނުފެންނަކަމަށް 17 މެމްބަރުން ވޯޓު ދެއްވުމުން އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު