އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދު ﷲ އެ މައުލޫމާތު ސާފުކުރެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުން އެދިވަޑައިގެން ވަޒީރުންނާއި ސުވާލު ކުރެއްވުމުގެ ނޯޓިސް ވަނީ ފޮނުއްވާފައެެވެ.

އީވާ ވިދާޅުވީ މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. މި މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު، ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ހޭދަކުރަންޖެހޭ ކަމަށް އީވާ ވިދާޅުވިއެެވެ. އީވާ ވިދާޅުވީ އެ 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.

"މާލީ ކަންކަން މި ދެންނެވި މަގުގައި ހުރި އިރު، ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ؟" ލިޔުމުން ޖަވާބު ދެއްވުމަށް އެދިވަޑައިގެން އީވާ ސުވާލުކުރެއްވި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ ‏އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ނުވަތަ ކޮވިޑްގެ ކުރިން ހުރި ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު