އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން އެކި ދާއިރާތަކުން ކޯސްތައް ހިންގުމަށް 5 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ ޢިމާދެވެ.  މި މަޝްރޫޢުގެ ދަށުން ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއެކޮށްފައިވާ ޔުނިވަރސިޓީތަކަކީ އެވިޑް ކޮލެޖް، ސައިރިކްސް ކޮލެޖް، އެމް.އައި. ކޮލެޖް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖެވެ.



އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން އައި.ސީ.ޓީގެ ދާއިރާއިން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކުންނެވެ. އެއީ ކްލައުޑް، ސައިބަރ ސެކިއުރިޓީ، ވެބް ޑިޒައިން، ޑިވޮލޮޕްމަންޓް، ސަރވާ އަދި ނެޓްވޯކިންގ ގެ އިތުރުން މަލްޓިމީޑިއާގެ ދާއިރާއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ހިންގާ އަޕްސްކިލިންގ އެންޑް ޓްރެއިނިންގ ޕްރޮގްރާމުގެ މަޤްސަދަކީ ކޯވިޑް-19 އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުން ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމާއެކު ވަޒީފާގެ ފުރުޞަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމުގެ ދަށުން އެކައުންޓިންގ އަދި ޑައިވިންގ ދާއިރާއިން އެތަކެއް ފުރުސަތުތަކެއް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ މެދުވެރިކޮށް މިހާރު ވެސް ވަނީ ހުޅުވާލައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.  



ކިޔުންތެރިންގެ ހިޔާލު