ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ބުނާ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރު ކުންފުނިތައް ވިލަރެސްކުރާ ކޮމިޓީ، އެސްއޯއީން ބަލަން ނިންމައިފިއެވެ.

މި މައްސަލަ އެކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.

ނިހާދު ވިދާޅުވީ، ޕީއެސްއެމުން 100 މިލިއަން ރުފިޔާއަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުންދާކަމަށާއި، އަދި އެކަމާއި ގުޅިގެން ކުންފުނިން ފިޔަވަޅުތަކެއް އަަޅަމުންދާތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭކަމަށެވެ.

ނިހާދުގެ ހުށަހެޅުމުގައި ވަނީ ހިޔާނާތުގެ ތުހުމަތުތަކާއި ގުޅޭގޮތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަވެސް ބެލުމަށެވެ.

ކޮމެޓީން މިކަމާއި ގުޅޭގޮތުން ވަނީ އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމަށް ސިޓީ ފޮނުވަން ނިންމާފައެވެ.

ޕީއެސްއެމާ ގުޅޭގޮތުން ހިޔާނާތުގެ މައްސަލައެއް އުޅޭކަމަށް ބަޔަކު ވާހަކަދައްކަމުންދާއިރު، އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ހިނގިކަމެއްކަންވެސް ޔަގީނެއް ނޫނެވެ.

ޕީއެސްއެމުން މިދިޔަ ހުކުރުދުވަހު ވަނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާފައެވެ. އެއީ އެ ޑިޕާޓްމަންޓުން ހަދަންޖެހޭ އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށްފައިނުވާތީއެެވެ.



ކިޔުންތެރިންގެ ހިޔާލު