ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ދަށްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ އިގްތިސާދާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އާންމުކުރި 'ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް' ރިޕޯޓުގައެވެ.

ވޯލްޑް ބެންކުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖެއާއި ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން މީ ސަރަހައްދުގެ ހުރިހާ ގައުމުތަކެއްގެވެސް އިގްތިސާދީ ދުވެލި މަޑު ޖެހޭނެކަމަށް ވޯލްޑް ބެންކުން ލަފާކުރައްވައެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 11 އިންސައްތައިން 7.6 އިންސައްތައަށް މަޑުޖެހޭނެއެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ދަށަށް ދާނެ ކަމަށް ލަފާކުރެވޭ އެއް ސަބަބަކީ ރަޝިޔާ-ޔޫކްރެެއިން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ދަށަށް ދާނެކަމަށް ލަފާކުރެވުމެވެ. އަދި އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ލަފާކުރި ވަރަށް އިންވެސްޓްމަންޓްތައް ނުލިބުމަކީވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ސަބަބެއްކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓްގައިވާ ގޮތުން އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތީގެ އަގުތައް އުފުލުމެވެ. ނުވަތަ އިންފްލޭޝަން މައްޗަށް ދިއުމެވެ.

ނަމަވެސް ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ތަކެތީގެ އަގު އުފުލުން ހުރީ ދަށުގައިކަމަށް ވޯލްޑް ބެންކުން ބުނެއެވެ. އެގޮތުން ރާއްޖޭގެ އިންފްލޭޝަން 1 އިންސައްތަައިގައި ހިފެހެއްޓިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ވޯލްޑް ބެންކުން ބުނާގޮތުން ރާއްޖޭގައި ތަކެތީގެ އަގު އުފުލުން ހިފެހެއްޓިފައި ހުރީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ތަކެއްޗަށް ސަބްސިޑީ ދޭތީއެވެ.

ކޯވިޑަށްފަހު ދުނިޔޭގެ އިގްތިސާދު ހަމައަކަށް އެޅެމުންދަނިކޮށް، އިގްތިސާދު އަނެއްކާވެސް ދަށަށް ދާންފެށި ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި ތަކެތީގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީވެސް އެއީކަމަށް ތަޖުރިބާކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު