ކުރިޔަށް އޮތް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަ ކުރައްވަން ތައްޔާރަށް ހުންނެވިކަމަށާއި އެގޮތަށް ނުކުމެވަޑައިގެންފި ނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވިކަން މީޑިއާގައި އެމަނިކުފާނު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގައި މިވަގުތު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ގިނަ ނުސްވެރިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނަންތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތަށް ކަމަށާއި، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ. އަދި އެމްޑީޕީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ނުކުމެއްޖެނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ރިޔާސީ އިންތިހާބަށް އޮތް ޗޮއިސްއެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީގެ ކުރިންވެސް ރައީސަށް މި ސުވާލު އަމާޒުކުރިނަމަވެސް މި ސުވާލަށް މިހާތަނަށް މުޅީން ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް މިއަދު އެމަނިކުފާނު ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ޞާލިޙް ވާދަ ކުރައްވަން ނިންމަވާފައިވާކަން މިހާރު މިވަނީ ސާފުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު