ޕްރައިމަރީއަކާއި ނުލައި އަންނަ އެމްޑީޕީގެ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ތާއީދު ނުކުރާނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ މެމްބަރު ވަހީދު މިހެން ވިދާޅުވެފައި މިވަނީ، ޕްރައިމަރީއަކާއި ނުލައި އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެ ފަދަ މޭރުމަކުން ރައީސް ސާލިހު އިއްޔެ ވާހަކަފުޅުދެއްކެވުމުންނެވެ.

ރައީސް ސާލިހު އިއްޔެ ވިދާޅުވީ ޕްރައިމަރީއެއް ބާއްވަން "ގަވާއިދުގައި އޮތިއްޔާ" އެކަން ކުރާނީ އެގޮތަށްކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެހެން ނެތިއްޔާ ނުވަތަ އެހެން ގޮތަކަށް އެމްޑީޕީން ނިންމައިފިނަމަ، ޕްރައިމަރީއަކާއި ނުލައިވެސް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ވާދަކުރައްވާނެކަމަށް އެ ވިދާޅުވި ބަސްފުޅުން ތަރުޖަމާވެއެވެ.

ރައީސް ޞާލިހާއި ދެކޮޅަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ ވިދާޅުވީ ‏ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތާއި ޖާގަ އޮވެ، ޕްރައިމަރީއަކާ ނުލާ (އެހެން ގޮތަކުން) ޓިކެޓެއް ހޯދައިގެން އަންނަ ކެންޑިޑޭޓަކަށް އޭނާ ވޯޓެއް ނުދެއްވާނެކަމަށެވެ. އަދި އެ ބޭފުޅަކަށް ތާއީދެއްވެސް ނުކުރާނެކަމަށް ވައްޑެ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށާއި، އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށެވެ. އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެހުންކަމަށާއި، އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އެމަނިކުފާނަކީ ޗޮއިސްއެއްކަމަށެވެ.

ވައްޑެއަކީ ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އުފެދުނު އެމްޑީޕީގެ ދެފެކްޝަންގެ މެދުގައި އުފެދުނު ނުތަނަވަސް ކަމުގައި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް އެންމެ ބޮޑަށް ވާހަކަދެއްކެވި މެންބަރުކަން ގިނަބަޔަކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު