އޮޅުވާލައިގެން އެންމެ ގިނައިން މީހުން ވައްދާފައި ވަނީ އިދިކޮޅު ޕީޕީއެމަށް ކަމަށް ހާމަވުމުން، އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޕާޓީ ބަދުނާމު ކުރަން އިލެކްޝަންސުން ކުރާ ކަމެއް ކަމަށް ޕީޕީއެމުން ތުހުމަތު ކޮށްފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2021 އޮކްޓޯބަރ 1 އިން ފެށިގެން ޕީ.ޕީ.އެމްގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ ސަމާލުކަމަށް އެ ކޯލިޝަންގެ ފަރާތުން ގެނެސް އެކަމުގައި އިންސާފު ހޯދުމަށް އެ ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅަމުންދާކަމަށެވެ. އަދި އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް ސަރުކާރުން އަންގައިގެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށާއި އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައިވެއެވެ.

"2018 އިން 2022 އާއި ދެމެދު 391 ވަގު ފޯމު ޕީ.ޕީ.އެމް ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ ކިހާވަރަކަށް ބައްލަވާފަތޯ؟ އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ؟ އަދި އެއީ 2018 އިން 2022 އަށް ހުށަހަޅާފައިވާ ފޯމުތަކުން ނަގާފައިވާ ޢަދަދުތަކެއްތޯ؟ މި ޢަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފަހުތޯ؟ ނުވަތަ އެފަރާތްތަކުގެ ފިނގަރޕްރިންޓް ވެރިފައި ކުރުމަށްފަހުތޯ؟" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ އިލެކްޝަންސުން ކުރާ ތުހުމަތުތަކުގެ މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. ހަމަ އެއާއެކު 2018 އިން 2022 އަށް ޕީ.ޕީ.އެމުން 391 ވަގު ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސުން ބުނާއިރު، އެމީހުންގެ މަޢުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ޕީ.ޕީއެމަށް ފޮނުވާދިނުމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

'ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް އެކަން ޙައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީއާއި މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް މިކޯލިޝަނުން ޤަބޫލު ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމުން ބުނީ އިލެކްޝަންސްގެ ވާހަކަތަކަކީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ފަރާތްތައް ރުއްސުމުގެ ޢަމަލެއް ކަމުގައި ބެލެވޭކަމަށެވެ.

"ރަސް އޮންލައިން" އަށް ލިބިފައިވާ އެ ތަފާސްހިސާބުތައް ދައްކާގޮތުން، 2018 ވަނަ އަހަރުން ފެށިގެން މި ހިނގާ 2022 ވަނަ އަހަރާ ހަމައަށް ޕީޕީއެމުން ޖުމްލަ 391 މީހަކު އޮޅުވާލައިގެން ޕާޓީއަށް ވައްދާފައިވެއެވެ. އެގޮތުން އެންމެ ގިނައިން އޮޅުވާލައިގެން އެ ޕާޓީއަށް މީހުން ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު 166 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވެއެވެ.

2020 ވަނަ އަހަރު 86 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވާއިރު މި އަހަރުގެ މިހާތަނަށް 24 މީހަކު އޮޅުވާލައިގެން ޕީޕީއެމަށް ވައްދާފައި ވާކަން މިހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޑީޕީން މިއަހަރުގެ މިހާތަނަށް 213 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވެއެވެ. އެ ޕާޓީން ވަނީ މިހިނގާ 2022 ވަނަ އަހަރުގެ މިހާތަނަށް 27 މީހަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައެވެ. އަދި 2021 ވަނަ އަހަރު 35 މީހަކު ވައްދާފައިވާއިރު 2018 ވަނަ އަހަރު 92 މީހުން އޮޅުވާލައިގެން އެޕާޓީއަށް ވައްދާފައިވެއެވެ.

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަނުންދަނީ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު