ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ބާކީހުރި މަގުތަކާއި ދެވަނަ ފިޔަވަހީގެ ދެވަނަ މަރުހަލާގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު 75 ޕަސަންޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، ފޭސް 1 ގައި 10 މަގު ހަދަމުންދާއިރު، މިމަގުތަކުގައި ޖުމްލަ 1.95 ކިލޯމީޓަރު ހުންނަ ކަމަށެވެ. އަދި ފޭސް 2 ގައި 33 މަގު ހަދަމުންދާއިރު މި މަގުތަކަކީ ޖުމްލަ 6.15 ކިލޯމީޓަރުގެ މަގު ކަމަށް އެޗްޑީސީން ބުންޏެވެ.



މީގެ އިތުރުން، ފޭސް 1 ގެ ކިއުމުލޭޓިވް ޕްރޮގްރެސް އަކީ 57 ޕަސަންޓް އަދި ފޭސް 2 ގައި 82 ޕަސަންޓް ކަމަށް ވެސް އެޗްޑީސީން މައުލޫމާތުދެއެވެ. ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފޭސް 1 ގެ 44 ޕަސެންޓް އަދި ފޭސް 2 ގެ 47 ޕަސެންޓް ނިންމާލާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިއަހަރުގެ އޮކްޓޯބަރު 20 ގައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދާއިރު، އެސަރަހައްދުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ހަދައި އާންމުންނަށް ފަސޭހަ ވާނެ ހުރިހާ ވަސީލަތްތަކެއް ކައިރިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު