ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓު މަޝްރޫއުގެ 55 އިންސައްތަ މަސަައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑެއްގައި ކުރިއަށް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 55 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ ފަޔަރ ބިލްޑިންގ އާއި ރަންވޭގައި ތާރު އަޅައި ނިންމުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.



އެއަރޕޯޓު ރަންވޭގެ ތާރުއެޅުމުގެ މަސައްކަތްތައް މިހިނގާ ޖޫން މަސް ތެރޭގައި މުޅިން ނިންމާނެކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެެ.

ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރަށާއި އެއަރޕޯޓާއި ދެމެދު ގާތްގަނޑަކަށް 800 މީޓަރު ހުންނައިރު ކޯޒްވޭ ހެދުމަށް 19200 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކާގޮތަށް ވަނީ ނިންމާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެ ރަށުގައި ތަރައްގީ ކުރާ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތަކީ ސަރުކާރުން 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު