ނިއުކްލިއަރ ބާރެއްކަމަށްވާ އުތުރު ކޮރެޔާގެ ހާރިޖީ ވަޒީރުކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނެއް އައްޔަންކޮށްފިއެވެ.

އެ މަގާމަށް އައްޔަންކޮށްފައިވަނީ ޢުމުރުފުޅުން 58 އަހަރުގެ ޗޮއި ސޮން ހުއިއެެވެ.

ޑިޕްލޮމެޓެއްގެ އިތުރުން، ކޮރެޔާގެ ނިއުކްލިއަރ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރަމުންދާ ޗޮއި އުތުރު ކޮރެޔާގެ ހާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ ގައުމުގެ ޒައީމް ކިމް ޖޮންގް އުން ރިޔާސަތު ބެލެހެއްޓެވި ވޯކާސް ޕާޓީގެ ސެންޓަރަލް ކޮމިޓީގެ ބައްދަލުވުމުގައެވެ.

1964 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޗޮއިއަކީ ކޮރެޔާގެ ކުރީގެ ބޮޑުވަޒީރު ޗޮއި ޔޮންގ ރިމްގެ ދަރިކަނބަލެކެވެ. އެކަމަނާ އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި 1997 ވަނަ އަހަރު ބޭއްވި ނިއުކްލިއަރ މަޝްވަރާތަކުގެ ތަރުޖަމާނުގެ މަގާމު ހިމެނެއެވެ. އަދި އޭގެ ފަހުން 2000ގެ އަހަރުތަކުގައި މަޝްވަރާގެ ބައިވެރިއެއްގެ ގޮތުގައި އެކަމަނާ ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ސިންގަޕޫރާއި ވިއެޓްނާމްގައި ކުރިއަށްދިޔަ ސަމިޓްގައިވެސް ނޯތު ކޮރެޔާގެ ލީޑަރުގެ އަރިހުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ހާރިޖީ ވަޒީރުކަމުގެ މަގާމަށް ޗޮއި އައްޔަންކޮށްފައި މިވަނީ ނޯތު ކޮރެޔާއިން އަނެއްކާވެސް ނިއުކްލިއަރ ޓެސްޓެއް ކުރަން އުޅޭކަމަށް ބުނެ އެމެރިކާއިން ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ. މިޓެސްޓް ވެގެންދާނީ ކޮރެޔާއިން ކުރިއަށްގެންދާ 7 ވަނަ ނިއުކްލިއަރ ޓެސްޓަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން