ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޝަމާލު ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންވާނަމަ މަގާމުން އިސްތިއުފާދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް މިކަމަށް ގޮވައިލައްވައިފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަފްތާ ބަންދުގައި، ސިޔާސީ ބޭނުންފުޅަކަށް ކުރެއްވި ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޝަމާލު ބައިވެރިވެވަޑައިގަތުމުން ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރާއެކު މަޝްވަރާކުރަން ރައީސް ވަޑައިގެންނެވި ނުރަސްމީ ދަތުރުފުޅުގައި ޝަމާލު ނޫނީ ރައީސް އަރިހުގައި މުޅިންވެސް ތިއްބެވީ ސިޔާސީ ބޭފުޅުންނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޝަމާލު ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންވާނަމަ މަގާމުން އިސްތިއުފާދެއްވުން، ނުވަތަ މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ. އަދި އެއީ އެމްއެންޑީއެފާއި މުޅި ގައުމަށްވެސް އެންމެ ފައިދާވާނެ ގޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސިޔާސީ މީހަކު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކަމަކު ނުދާނެ. އޭނާގެ އަމުރު މައުރޫފް ހިންގުމުގައި ވަކިކޮޅަކަށް ޖެހި، އަމިއްލަ އަދި ޕާޓީގެ މަސްލަހަތު އިސްކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިޔާސި ބަޔަކު ބައިވެރިވި ބައްދަލުވުމެއްގައި ޝަމާލު ބައިވެރިވިކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުންދާއިރު، ގާނޫނުއަސާސީގެ 246 ވަނަ މާއްދާގެ ހ.ގައި ބުނަނީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރަންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކީ ކަމަށެވެ. އަދި އެ މާއްދާގެ ށ.ގައި ބުނަނީ ސަލާމަތީ ހިދުމަތްތަކުގަައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެންނުވާނެ ކަމަށެވެ.

ޖެނެރަލް ޝަމާލު ސިޔާސީ ކަމެއްގައި ބައިވެރިވިކަމަށް ތުހުމަތުކުރާއިރު، އެކަމާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް