އުސޫލުތަކަކީ އެވަގުތަކު ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ލެނބެން ޖެހޭ އެއްޗެއް ކަމަށް، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނެރުނު ވިޕާއި ދެކޮޅަށް ރައީސް ނަޝީދު ނުކުމެވަޑައިގެންނެވުމާއި ގުޅިގެން އިބްރާ މިއަދު ވިދާޅުވީ، އޭނާއަށް އަބަދުވެސް ފެނިވަޑައިގެންފައިވަނީ ރައީސް ނަޝީދަކީ އުސޫލަކަށް ތަބާވާން ބޭނުންވާ ބޭފުޅެއްގެ ގޮތުގައި ނޫންކަމަށެވެ. އަދި ރައީސް ނަޝީދު އެވަގުތަކު ބޭނުންވާ ގޮތަކަށް، ލެނބެން ޖެހޭނީ އުސޫލުތައް ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

"ވިޕްލައިނާ ހިލާފުވެގެން މިހާތަނަށް ފިޔަވަޅު އަޅައި، ޕާޓީން ވަކިކުރި މެންބަރުން މިއަދު ބުނާނީ ކީކޭބާ؟" އިބްރާ ސުވާލު ކުރެއްވިއެވެ.



ޕީޖީ ޝަމީމްގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ނިންމި ނިންމުމާއި ގުޅިގެން، ރައީސް ނަޝީދު ވަނީ އެ ނިންމުމާއި ދެކޮޅަށް ވޯޓު ދޭން ތިބި މެންބަރުންނަކީ ކޮބައިތޯ ބައްލަވާފައެވެ. ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގައި އެ ސުވާލު ކުރެއްވުމުން، 16 ބޭފުޅަކުވަނީ އެމަނިކުފާނާއިއެކު ވިޕާއި ހިލާފުވާން ތައްޔާރުކަން ހާމަކޮށްފައެވެ.

ޕާޓީގެ ވިޕާއި ހިލާފަށް ވޯޓު ދޭން ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމްޑީޕީއަކީ ވިޕާއި ހިލާފުވެގެން ސުލޫކީ ފިޔަވަޅު އަޅާ ބައެއް މެންބަރުން ޕާޓީން ވަކިކޮށްފައިވާ ވެސް ޕާޓީއެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިޕާއި ހިލާފުވުމުން ފިޔަވަޅު އަޅާ ޕާޓީން ބޭރުކުރިކުރުމެވެ.

ނަމަވެސް، ރީކޯގެ ފަހުން ބައެއް އެހެން ބޭފުޅުންވެސް ޕާޓީގެ ވިޕާއި ހިލާފަށް ވޯޓު ދެއްވާފައި ވެއެވެ. އެގޮތުން، ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި އެ ޕާޓީގެ 5 މެންބަރަކު ވޯޓު ދިނީ ޕާޓީގެ ނިންމުމާ ދެކޮޅަށެވެ. އެކަމަކު އޭގެތެރެއިން އެއްވެސް ބޭފުޅަކަށް ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު