ޓްރަމްޕްގެ ވެރިކަމުގައި އެއަރފޯސް ވަންއަށް ހުށަހެލި ޑިޒައިން
ޓްރަމްޕްގެ ވެރިކަމުގައި އެއަރފޯސް ވަންއަށް ހުށަހެލި ޑިޒައިން
އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު، އެއަރ ފޯސް ވަންގެ ކުލަތަކަށް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ގެންނަން ނިންމި ބަދަލުތައް ނުގެންނަން އެމެރިކާގެ މިހާރުގެ ސަރުކާރުން ނިންމައިފިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އޭނާ ވަނީ އެއަރ ފޯސް ވަންގައި މިހާރު ހުންނަ މަޑު ނޫކުލައިގެ ލައިންތައް ރަތް ކުލައާއި، ހުދު ކުލައާއި، ގަދަ ނޫ ކުލައަށް ބަދަލުކުރުމަށް ނިންމާފައެވެ. މިއީ ޖޯން އެފް ކެނެޑީގެ ވެރިކަމަށްފަހު އެއަރފޯސް ވަންއަށް ބަދަލުތަކެއް ގެންނަން ނިންމި ފުރަތަމަ ފަހަރެވެ.

ނަމަވެސް ހަބަރުތައް ބުނާގޮތުން ޓްަރަމްޕްގެ ވެރިކަމުގައި ހުށަހަޅުއްވާފައިވާ ގޮތަށް ކުލަތައް ބަދަލުނުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި އެގޮތަށް ނިންމީ ގަދަ ނޫކުލައިގެ ސަބަބުން މަތިންދާބޯޓުގެ އިލެކްޓްރޯނިކް ސިސްޓަމްތައް އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެތީކަމަށް ހަބަރުތައް ބުނެއެވެ. މީގެއިތުރުން ގަދަ ކުލަތަކަކީ އެއަރކްރާފްޓްގެ ފިނިހޫނު މިންވެސް މައްޗަށްދާނެކަމެއްކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ސަރުކާރުގެ މި ނިންމުމާއެކު ބޮއިން ކުންފުނިން މިހާރު އުފައްދަމުންދާ އެއާރ ފޯސްގެ ވަންގެ އައު 2 މަތިންބޯޓުގައިވެސް ހުންނާނީ މިހާރުވެސް ބޭނުންކުރާ އެއާރ ފޯސްގެ ވަންގައި ހުރި ކުލަތައްކަމަށް ބެލެވެއެވެ.

އެއަރފޯސް ވަންގެ އައު 2 މަތިންބޯޓު އުފައްދަން ބޮއިންގ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. ބޮއިންގ ކުންފުނިން ބުނާގޮތުން މަސައްކަތަށް ކުރިމަތިވާ ލަސްތަކުގެ ސަބަބުން ބޮއިންގ ކުންފުންޏަށް 3.9 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމުން ވާނީ ގެއްލުމެވެ. އަދި މިކަމަށް އެއްބަސްވުމަކީ ހެދުނު ގޯހެއްގެ ގޮތުގައި ބޮއިންގ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

ބޮއިންގ ކުންފުނިން ބުނާގޮތުން އެއަރފޯސް ވަންގެ އައު ދެ ބޯޓުގެ މަސައްކަތް ނިންމޭނީ ކުރިން ލަފާކުރި ތާރީހަށްވުރެ ލަހުން، 2026 ވަނަ އަހަރަށްކަމަށެެވެ. އެހެންކަމަށްވާނަމަ އެއީ މިހާރު ބޭނުންކުރަމުންދާ 1990 ގައި އުފެއްދި 2 ބޯޓު ބޭނުންކުރުން ހުއްޓާލުމަށް ނިންމާފައިވާ 2025 ވަނަ އަހަރަށްވުރެ ލަސް ތާރީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން