ރާއްޖޭގައި ހަރުކަށި ފިކުރު ނައްތާލަން ބޭނުންވާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ބޭފުޅުން އިލްމްވެރިންނާއެކު އިށީންނަންޖެހޭ ކަމަށް އަދާލަަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ވިދާޅުވީ އިހްލާސްތެރިކަމާއެކު ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލަން ބޭނުންވާނަމަ އެކަމުގެ ހަގީގީ ސަބަބުތައް ދެނެގަތުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ބޭފުޅުން އިލްމްވެރިންނާއެކު އިށީންނަންޖެހޭ ކަމަށެވެ. އަދި މީހަކު އިމްލާކޮށްދޭހާ ގޮތަކަށް ރައްޔިތުންގެ ފައިސާ ޚަރަދުކޮށް ބޭކާރު ގޮތުގައި އެ މުވައްސަސާ ފުޑާނުލުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.





އެންސީޓީސީ އަކީ ނިރުބަވެރިކަމާއި ހަރުކަށިފިކުރުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުންގެންދާ ކޯޑިނޭޓިންގ އިދާރާއެކެވެ.

ޑރ އިޔާޒް ވިދާޅުވީ، ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި ރަށްރަށުގައި ބާއްވާ ވޯކްޝޮޕްތަކުގައި މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން ފެތުރޭފަދަ ގޮތްތަކަށް މައުލޫމާތު ދެއްވާ ބޭފުޅުންނަކީ ހަރުކަށިފިކުރުގެ ބާނީން ކަމަށެވެ.

ޑރ. އިޔާޒް އިއްޔެ ވަނީ މިޔުޒިކް ކުޅުމާއި ލަވަކިޔަން ބޭނުން ނުވާ ކުއްޖަކުލައްވާ ކޮންމެހެން އެކަން ކުރުވަންޖެހެނީ އަދި އެކަންކުރަން ދެކޮޅު ހަދާ ދަރިވަރު އެއީ ހަރުކަށި ފިކުރުގެ ކުއްޖެއްގެ ގޮތުގައި ލޭބަލް ކުރަނީ ކޮންހައިސިއްޔަތަކުންތޯ ސުވާލު ކުރައްވާފައެވެެ.

އޭގެ އިތުރުން މުސްލިމުންގެ އުފާވެރި ޢީދު ފާހަގަކުރުމުގެ ނަމުގައި ޙަރާމްކުރެއްވި ޝޯވތައް ބާއްވާ، ވަކިން ޚާއްޞަގޮތެއްގައި އެފަދަ މުންކަރާތްތައް އުވިގެން ގޮސްފައިވާ ރަށްތައް ބަލައިގެން އެމުންކަރާތްތައް ޢާއްމުކުރަން މަސައްކަތްކުރުމަކީ ހަރުކަށި ލާދީނީ ފިކުރުގެ ޢަމަލެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވެފައިވާއިރު ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާ ހަފްތާރެސް ޕްރޮގްރާމްގެތެރެއިން ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ ވޯރކްޝޮޕްގައި ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެކަމެއް ކަމަން ކިޔައިދީފައިވާކަމަށް ބުނެ އެކަމާ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު