ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ދަށަށް ދާތީ، އެ ގައުމުގެ ރައްޔިތުން ސައި ބުއިން މަދުކޮށްލަން އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަކީ އެންމެ ގިނައިން ސައިފަތް އިމްޕޯޓްކުރާ ގައުމެވެ. 2020 ވަނަ އަހަރުވެސް އެ ގައުމުން ވަނީ 640 މިލިއަން ޑޮލަރުގެ ސައިފަތް އިމްޕޯޓްކޮށްފައެވެ.

ޕާކިސްތާނު ސަރުކާރުން ބުނީ އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލެމުންދާކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ސައި ބޯ މިންވަރު ދެ ބައިކުޅަ އެއްބައި މަދުކުރުމަށް އެ ގައުމުގެ ފެޑަރަލް މިނިސްޓަރ ފޮރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް، އަހުސަން އިގްބާލު ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

އިގްބާލު ވިދާޅުވީ އިގްތިސާދީ ދަތިކަމެއްގައި އޮތްއިރު ސައިފަތް އެތެރެކުރުމަށް ބޭރު ފައިސާ ބޭނުންވާއިރު، އެކަމާއި ގުޅިގެން ސަރުކާރަށް އިތުރު މާލީ ތަކްލީފުތަކެއް ކުރިމަތިވަމުންދާކަމަށެވެ. ސައި ބުއިން މަދުކުރުމުގެ އިތުރުން ކަރަންޓް ހަރަދު ކުޑަކުރުމަށް ވިޔަފާރިކުރާ ތަންތަން ބަންދުކުރާ ވަގުތު އިތުރުކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ޕާކިސްތާނަށް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެގެން އުޅޭތާ މަސްތަކެއްވެފައިވާއިރު، އެކަމާއި ގުޅިގެން އެގައުމުގެ ތަކެތީގެ އަގުތައްވެސް ދަނީ އިންތިހާއަށް އުފުލެމުންނެވެ. ހާއްސަކޮށް ކާނާއާއި ގޭހާއި ތެލުގެ އަގުތަކެވެ.

ތަކެތީގެ އަގު އުފުލުމުގެ އިތުރުން، ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްވެސް ދަނީ ވަރަށް ބޮޑަށް ދަށަށްދަމުންނެވެ. މިގޮތުން ފެބްރުއަރީމަހު އެގައުމުގެ ފޮރިން ކަރަންސީ ރިޒާވް ވަނީ 16.3 ބިލިއަން ޑޮލަރުން 10 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިއީ 2 މަސްދުވަހުގެ އިމްޕޯޓުގެ އަގެވެ.

މިދިޔަ އޭޕްރީލްމަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިމްރާން ހާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށް، އޭނާ މަގާމުން ދުރުކުރުމަށް އިދިކޮޅުން ދެއްކި މައިގަނޑު ބަހަނާއަކީވެސް އެގައުމުގެ އިގްތިސާދު އޮތް ހާލަތެވެ.

އިމްރާން ހާނަށްފަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެވުނު ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށްވެސް އިގްތިސާދު ހަމައަކަށް އެޅުވުން އޮތީ ދަތިކަމަކަށް ވެފައެވެ. އޭނާގެ ސަރުކާރުން މިދިޔަމަހު ވަނީ ކޮންމެހެން އެތެރެކުރަންޖެހޭ މުދާ ފިޔަވައި އިތުރު ލަގްޒަރީ މުދާ އެ ގައުމަށް އިމްޕޯޓްކުރުން ހުއްޓުވާފައެވެ. އަދި ތެލުގެ އަގު ކޮންޓްރޯލްކޮށްފައި އޮތްއޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ވަނީ ޕާކިސްތާނަށް އެހީވުމަށް 6 ބިލިއަން ޑޮލަރުގެ "ބެއިލް އައުޓް" ޕެކޭޖެއް ދިނުމަށް 2019 ވަނަ އަހަރު އެއްބަސްވެފައެވެ. ނަމަވެސް އެ ޕެކޭޖްގެ ކަންކަން ކުރިއަށްގެންދިއުމަށް ޕާކިސްތާނުން ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ޕާކިސްތާނުން މިވަގުތު އަޅަމުންދާ ގިނަ ފިޔަވަޅުތަކަކީ އައިއެމްއެފްގެ ރުހުން ހޯދުމަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން