އަހުމަދު މަސްނޫމް   15 ޖޫން 2022 - 23:1
އިތުރު ހައްޖު ކޯޓާ ހޯދުމަށް ސައުދީ ސަރުކާރުގައި ދެންނެވި ނަމަވެސް، މިހާތަނަށް ސައުދީ ސަރުކާރުން އެކަމުގައި ޖަވާބެއް ނުދޭކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ ދީފައެވެ.

ރާއްޖެއަށް މިފަހަރު މަދު އަދަދެއްގެ ކޯޓާ ލިބިފައިވާތީ އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގައި ސައުދީ ސަރުކާރުގެ ރަސްމީ ޖަވާބެއް މިހާތަނަށް އައިރުވެސް ލިބިފައި ނެތްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް ޖަވާބެއް ނުލިބުނަސް، އިތުރު ކޯޓާ ހަމަޖެހޭނެ ކަމަށް އަދިވެސް އުއްމީދުކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ 26 ވަނަ ދުވަހުގައި ފުރާނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު