މިނީ ބަހުގެ ޚިދުމަތް މާލޭގައި އަންނަމަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާދަމާއިން ފެށިގެން 50 އަށްވުރެ ގިނަ ބަސް މާލޭ ސަރަހައްދުގައި ދުއްވަން ފަށާނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތަށް މާލެ ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ. އާޒިމް ވިދާޅުވީ ބަސްތައް ދުއްވާ ރޫޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ބަސްތައް ދަތުރުކުރާނީ ފަސޭހައިން ދަތުރުކުރެވޭ އަދި ރައްޔިތުންގެ ޑިމާންޑް އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.

މިނީ ބަހުގެ ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމް.ޓީ.ސީ.ސީން ދަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނީ މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު