ރަޝިޔާގެ ސަލާމަތާއި އިސްތިގުލާލާއި ގުޅޭ މައްސަލަތަކުގައި ޗައިނާ އޮންނާނީ ރަޝިޔާއާއެކު ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް މިކަން ހާމަކުރައްވާފައި ވަނީ ބުދަދުވަހު ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއެކު ފޯނުން ބޭއްވި މަޝްވަރާތަކެއްގައެވެ.

ރަޝިޔާއާއެކު ޗައިނާ އޮތްކަން ހާމަކޮށްފައި މިވަނީ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ފާޑުކިޔުންތައް ރަޝިޔާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ޗައިނާގެ ރައީސް އާއި ރަޝިޔާގެ ރައީސް ފޯނުން ބޭއްވި މަޝްވަރާތަކުގައި ޗައިނާގެ ރައީސް ވަނީ ދެ ގައުމުގެ ސްޓްރޭޓީޖިކް ގުޅުންތައް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިން ހަނގުރާމައަށް އިޝާރާތްކުރައްވަމުން ޗައިނާގެ ރައީސް ވިދާޅުވީ ޗައިނާއިން އެކަމުގައި ބަލަނީ ވަކި ބަޔަކު ދައްކާ ވާހަކަތަކަށް ނޫންކަމަށާއި، ޗައިނާއިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންކަމަށެވެ. އަދި މިކަމުގައި ޗައިނާއިން ބޭނުންވަނީ އިތުރު ބަޔަކު މިކަމުގެ ތެރެއަށް ނުވަދެ، ހަމަޖެހޭ ހައްލެއް ހޯދުމަށްކަމަށްވެސް ރައީސް ީ ޖިންޕިން ވިދާޅުވިއެވެ.

ހުޅަނގުން އެ ދެ ގައުމާއި ދޭތެރޭ އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ޝީ އާއި ޕޫޓިންގެ މަޝްވަރާތަކުގައި ވަނީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން ހަކަތައާއި، މާލީ ކަންކަމާއި އުފެއްދުންތެރިކަމާއި އަދި އެހެނިހެން ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

އދއިން ޗައިނާއާއި ރާޝިޔާއާ ދެކޮޅަށް ގަރާރުތައް ފާސްކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޗައިނާގެ ރައީސް އާއި ރަޝިޔާގެ ރައީސް ފޯނުން ބޭއްވި މަޝްވަރާތަކުގައި ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް އެއްބަސްވެފައެވެ.

ޗައިނާގެ ރައީސް އާއި ރަޝިޔާގެ ރައީސް ބޭއްވެވި މިމަޝްވަރާތަކަކީ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ދެ ލީޑަރުން މަޝްވަރާކުރެއްވި 2 ވަނަ ފަހަރެވެ. ހުޅަނގުން ރަޝިޔާގެ އަމަލުތައް ކުށްވެރިކުރިޔަސް، ޗައިނާއިން އެފަދަ ބަަސްމަގެއް ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި ޗައިނާ ފާހަގަކުރަނީ ސަލާމަތާއި ހަމަޖެހުމުގެ މުހިއްމުކަމުގެ ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން