"ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު – ފޭސް 2" އަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށްޓަކައި 101,787,500 (ސަތޭކަ އެއް މިލިއަން ހަތް ސަތޭކަ އަށްޑިހަ ހަތް ލައްކަ ފައްސަތޭކަ) ޔޫރޯގެ ލޯނު ފެސިލިޓީގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އޭ.ބީ.އެން. އަމްރޯ ބޭންކް، އޭ.ކޭ.އޭ. ބޭންކް އަދި އައި.އެން.ޖީ. ބޭންކް އާއި ދެމެދު މިއަދު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އަދި އައި.އެން.ޖީ. އާއި އޭ.ކޭ.އޭ. އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައި.އެން.ޖީ ބޭންކް ގެ ޑިރެކްޓަރ، މިސްޓަރ ވިލެމް ވެން ނުއަސް އެވެ. އޭ.ބީ.އެން. އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް، މިސްޓަރ ޔޫސްޓް ކިސާރސްއެވެ.



މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ މުޙައްމަދު އަސްލަމާއި އެ މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އައު ޕޯރޓެއް ތަރައްޤީކޮށް، މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯރޓް، ގުޅީފަޅަށް ރިލޮކޭޓް ކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިޤްތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯރޓެއް ޤާއިމްކުރެވިގެންދާނެއެވެ. މީގެއިތުރުން، މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބި، އަދި މާލޭގެ ބިމުގެ ޖާގަ އިތުރުވެގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިމަޝްރޫޢަކީ 2012 އިން 2022 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ގްރޭޓަރ މާލެ ތަރައްޤީކުރުމުގެ ޕްލޭންގެ މުހިއްމު މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު