ސިނާއީ މަސައްކަތް ކުރާ ރަށެއްގައި މަސައްކަތްތަކެއް ކުރަމުންދަނިކޮށް ބިއްލޫރި ޝީޓުތަކެއް ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބުނު 3 މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ ބިއްލޫރި ޝީޓުތަކެއް ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އެކަކު މިރޭ މަރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ މަރުވީ އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާ ވެގެން އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އަނެއް 2 މީހުން މިހާރުވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



މި ހާދިސާގައި އަނިޔާވީ ނ. މާކުރަންދޫގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ 3 މީހުނަށް ކަމަށާއި އެ މީހުންނަކީ ރެސްޓު ބްލޮކް ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ 3 މީހުން ކަމަށް ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވެއެވެ.



އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެމީހުން ގެންގޮސްފައިވަނީ މިއަދު މެންދުރު 1:30 އެހާއިރެވެ.



ކިޔުންތެރިންގެ ހިޔާލު