އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ އެހީ ކުރިން ހޯދިނަމަ އިގްތިސާދީ ކާރިސާއަކާއި ލަންކާއިން ކުރިމަތިލާން ނުޖެހުނީސްކަމަށް ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ މިހެން ވިދާޅުވެފައި މިވަނީ ގައުމުގެ އިގްތިސާދު ފުނޑި، އެ ގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ލޯނު ނުދެއްކޭ ހާލަތަށް ގޮސް، ގައުމު އިނދަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ލަންކާއިން ވަނީ އެ ގައުމަށް 5 ބިލިއަން ޑޮލަރު ބޭނުންވާކަން ހާމަކޮށްފައެވެ.

ބީބީސީއާ ވާހަކަދައްކަމުން ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ވިދާޅުވީ ބޭރުގެ އެހީ ހޯދުން ލަސްކުރުމަކީ ލަންކާގެ ވެރިންގެ ގޯސް ނިންމެވުމެއްކަމަށެވެ.

"އައިއެމްއެފްއަށް ދިއުން އަވަސްކޮށް، މީގެ އަހަރެއްހާ ދުވަސްކުރިން ދަރަނި ރީ-ސްޓްރަކްޗަރ ކުރަން އުޅުނުނަމަ މި ހާލަތަށް ނުގޮސް އިގްތިޞާދު ހަމައަކަށް އެޅުވުނީސް." ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވިއެވެ.

ލަންކާއަށް ތެލާއި، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، މަރުކަޒީ ބޭންކުން ދަނީ އިގްތިސާދު ހަމައަކަށް އެޅުވޭތޯ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އދއިން ބުނާގޮތުން ލަންކާގެ 3 ބައިކުޅަ 2 ބައެއްހާ ގޭބީސީތަކުން ވަނީ ކާބޯތަކެތި ބޭނުންކުރާ މިންވަރު މަދުކޮށްފައެވެ.

ލަންކާއަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ހޯދޭތޯ އައިއެމްގެ ޓީމެއް ހޯމަދުވަހު ލަންކާއަށް ޒިޔާރަތްކުރާނެއެވެ. މިމަޝްވަރާތަކުގައި ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މުހިއްމު ދައުރެއް އަދާކުރައްވާނެއެވެ. ނަމަވެސް މީގެ 2 މަސްކުރިން، ކުރީގެ ގަވަރުނަރުގެ ބަދަލުގައި މަގާމަށް އައްޔަންކުރި ނަންދަލާލް ވީރަސިންހަގެ މަގާމުގެ ދައުރު މިމަހުގެ ނިޔަލަށް ހަމަވާއިރު، 6 އަހަރުގެ އިތުރު ދައުރަކަށް އޭނާ އައްޔަންކުރާނެކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

"މަގާމުގައި ކުރިއަށްދާން ބޭނުންވާކަމުގެ ޝައުގު ވާނީ ފަޅުކޮށްފައި. މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ 2 މަހުން ހައްލުވާނެކަމެއް ނުން." ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވިއެވެ.

އައިއެމްއެފްގެ މަޝްވަރާތަކުގައި ލަންކާއަށް އޮތް އެންމެ ބޮޑު ޖޮންޖެހުމަކީ ޗައިނާގެ ލޯނުތަކެވެ. އެގައުމުގެ ބޭރު ދަރަނީގެ 15 އިންސައްތައަކީ ޗައިނާއިން ނަގާފައިވާ ލޯނުތަކެވެ. އައިއެމްއެފްގެ އުސޫލުތައް އޮންނަ ގޮތުން އެހެން ގައުމުތަކުގެ ދަރަނި ރީ-ސްޓްރަކްޗަރ ނުކުރަނީސް އައިއެމްއެފުންޕ އެހީއެއް ނުވާނެއެވެ.

ނަންދަލާލް ވީރަސިންހަ ވިދާޅުވީ ލޯނުތަކަށް ލުއި ދިނުމުގައި ޗައިނާއިން ލަންކާއަށް އެހީތެރިވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ކޯވިޑާއި ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލޮޅުންތަކެއް އަދައިގެން އުޅޭއިރު، ކުރިއަށް އޮތް އަހަރުތަކުގައި ތަރައްގީވަމުން އަންނަ އެހެން ބައެއް ގައުމުތަކަށްވެސް ދަރަނި ނުދެއްކޭނެ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ވޯލްޑް ބޭންކުން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ދިވެހިރާއްޖެ، ރުވާންޑާ، އިތިއޯޕިއާ، ސެނެގާލް، މިސްރު، ގާނާ އަދި ޕާކިސްތާން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން