ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމާއި ގުޅޭ ޖިނާއީ މައްސަލައެއްގެ ތަހުގީގެއް ކުރަމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ޝަމީމާއި ގުޅުވައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް ބައެއް ނޫސްތަކުން ފަތުރާފައިވާ ހަބަރާއި ގުޅިގެނެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، އަލްއުސްތާޛް ޙުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް މިސަރވިސްއިން ހިންގަމުންނުދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ޝަމީމާއި ގުޅުވައި މިފަދަ ތުހުމަތެއް ބައެއް ނޫސްތަކުން ކޮށްފައިވަނީ، އޭނާ ޕީޖީކަމުގެ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ އެތެރޭގައި މަސައްކަތްތަކެއް ފަށާފައިވަނިކޮށެވެ. އެ މައްސަލާގައި އެމްޑީޕީގެ ދެ ފެކްޝަންގެ މެދުގައި އިތުރު ނުތަނަވަސްކަން އުފެދި ބަހުގެ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު