ށ.ފުނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ފުނަދޫ ބިން ހިއްކަން ނިއްމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ށ.ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަަކަފުޅު ދައްކަވަމުންެނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"މިރަށުގެ ރައްޔިތުން އެދިފައިއޮތްގޮތަށް ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ މިރަށް ހިމަނާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް އަޅުގަނޑުމެން ކުރާނަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ފުނަދޫ ރަށްގިރުމުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި ފުނަދޫގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން ހޮސްޕިޓަލަށް ބޭނުންވާ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ފުނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް 15 ކްލާސްރޫމު އެޅުމުގެ މަސައްކަތް ކުރިއަށްއެބަދާކަމަށެވެ. އަމާޒަކީ މިއަހަރުގެ ޑިސެމްބަރުމަހަށް އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށާއި އަދި ސްކޫލަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު