އެމްޓީސީސީގެ ބިޔަ މަޝްރޫއު، ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރުޓީއެލްގެ ފެރީގެ ޚިދުމަތުގެ ޒޯން 1ގެ ފެރީ ޓަރމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް އަންނަ އޮގަސްޓްމަހު ނިންމާލެވޭނެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާ ހދ.އަތޮޅުގެ މައި ފެރީ ޓަރމިނަލްތައް ހަދާފައިވަނީ ކުޅުދުއްފުއްޓާއި، ހަނިމާދުއާއި ނެއްލައިދޫގައެވެ.

އެމްޓީސީސީން ބުނީ އަތޮޅުގައި ދެން ހިމެނޭ 10 ރަށުގައި ހަދަނީ ފެރީ ސްޓޮޕްތަކެއްކަމަށެވެ. އެގޮތުން މީގެތެރެއިން 6 ރަށުގެ ފެރީ ސްޓޮޕްގެ މަސައްކަތް މިހާރު ހުރީ ނިމުމުގެ މަރުޙަލާގައިކަމަށާއި މިހާރު ޒޯން 1ގައި ދެން ހިމެނޭ ދެ އަތޮޅުގެ ރަށްތަކުގެވެސް ފެރީ ސްޓޮޕްތަކާއި ޓަރމިނަލްގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް އެމްޓީސީން ބުނެއެވެ.

އެމްޓިސީސީން ބުނީ ހއ. އަދި ށ.އަތޮޅުގެ ޓަރމިނަލްތައްވެސް އޮގަސްޓްގައި ނިންމާލެވޭނެކަމަށާއި ޒޯން 2 އަދި 3ގެ މަސައްކަތްވެސް ދަނީ ޕްލޭން ކުރަމުންކަމަށެވެ.

އެމްޓިސީސީން ބުނީ މި ނިޒާމު ނިމޭއިރު ފެރީ ޓަރމިނަލް ނެތް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށެވެ.

ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައި މީހުން ދިރިއުޅޭ 40 ރަށް އޮވެއެވެ.

ގިނަ ރަށްތަކުގެ ބަނދަރުތަކަކީ އަތްވާއި ވާރެއިން ހިޔާވާން ވެސް ވަދެލާނެ ތަނެއް ނެތް ބަނދަރުތަކެވެ. އަދި އިށީނދެލައިގެންވެސް ތިބޭނެ ގޮތެއް ނެތް ބަނދަރުތައްވެސް މަދެއް ނޫނެވެ.

އެމްޓީސީސީން ދެކޭގޮތުގައި ފެރީ ނިޒާމާއެކު މިކަމަށް ޙައްލު ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު