ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުއްދަވާފައިވާ ވަޢުދެއް މުގުރާލުމަށްފަހު ގައުމީ އެއަރލައިންގެ ޓިކެޓުްގެ އަގުތައް ބޮޑުކޮށް، ޓިކެޓް އަގުބޮޑުވީ ޓިކެޓުގައި ހިމެނޭ ފިއުލް ސާޗަރޖުގެ އަދަދަށް ބަދަލު ގެނައުމުންކަމަށް ބުނެ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ބަހަނާތަކެއް ދައްކައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިފަދަ ބަހަނާ ތަކެއް ދައްކާފައި މިވަނީ ރައީސްގެ ވައުދުފުޅަކާ ޚިލާފަށް މޯލްޑިވިއަންގެ ޓިކެޓުގެ އަގު ބޮޑުކޮށްފައިވާކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން މޯލްޑިވިއަނުން ބުނީ އެކުންފުނިން ދަތުރުތަކުގެ ޓިކެޓުގެ އަގު ބޮޑުކުރީ ނޫންކަމަށާއި، ނަމަވެސް ތެލުގެ އަގު އުފުލެމުންދާތީ ޓިކެޓުގައި ހިމެނޭ ފިއުލް ސާޗަރޖަށް ބަދަލެއް ގެނައީ ކަމަށެވެ.

ވެރިންގެ މުސާރައާއި އިނާޔަތްތައް އިންތިހާއަށް ބޮޑުކޮށް ކުންފުނީގެ ޚަޔަދުތައް އިންތިހާއަށް ބޮޑުކަމުން ބަނގުރޫޓުވުމާއި ދިމާއަށް ދަތުރު ކުރަމުންދާ އައިއޭއެސް ކުންފުނިން ބުނީ އެކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށް ފިއުލް ސާޗަރޖަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެގޮތުން 170 ރުފިޔާ ފިއުލް ސާޗަރޖުން ބޮޑުކޮށްފައިވާ ކަމަށެވެ.

އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ، އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު ވަނީ 159 މިލިއަން ރުފިޔާގެ މާލީ ގެއްލުމެއްވެ ބޮޑުތަނުން ދަރަނިވެރިވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2 ވަނަ ކުއާޓަރުގައެވެ. އެއީ 99 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

3 ވަނަ ކުއާޓަރުގައި އައިއޭއެސްއަށް 326 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، 4 ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 425 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ނަމަވެސް ކުންފުނީގެ ހަރަދުތައް އާމްދަނީއަށް ވުރެ މާ ބޮޑަށް އިތުރުވެފައިވާތީ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު 4 ވަނަ ކުއާޓަރުގައި ގްރޮސް ޕްރޮފިޓް މާޖިން ވަނީ ދަށްވެފައެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ކުންފުނީގެ ޖުމްލަ ހަރަދުތައް 21 ޕަސެންޓަށް ބޮޑުވެފައިވާއިރު، ހަތަރު ވަނަ ކުއާޓާ ނިމުނުއިރު 24.7 މިލިއަން ރުފިޔާގެ ސާފު ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ.

ފިނޭންސްގެ ރިޕޯޓްގައި އައިލެންޑް އޭވިއޭޝަނަށް ލިބޭ ގެއްލުމުގެ މިންވަރު ދަށްކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

މޯޑު

25-Jun-2022

ތިއަށްވުރެ ގާބިލް މެނޭޖްމަންޓެއް އެކުލަވާލާކަށް އަދިވެސް ނުވޭތޯ!!... ސިޔާސީ މަގާމުތައް ގިނަވެގެންގޮސް މުޅި ގައުމު ފުނޑުފުނޑު ވީމަތޯ ހޭއަރާނީ!!